ސިފައިން މިޤައުމަށާއި ރައްޔިތުންނަށްޓަކައި ރެޔާދުވާލު ކުރަމުންގެންދާ ބުރަ މަސައްކަތަށާއި، އުފުލަމުންދާ ޒިންމާއަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ތަޢުރީފް ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ސިފައިންގެ މަސައްކަތަށް ތަޢުރީފް ކުރައްވައި ވާހަކަފުޅު ދެއްކެވީ 2010 ވަނަ އަހަރުގެ ސިފައިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިއަދު ހަވީރު ޖުމްހޫރީމައިދާނުގައި ބޭއްވެވި ސިފައިންގެ އެންމެމަތީ ވެރިޔާ ސިފައިންގެ ފޯސް އަދި ފްލީޓް ރިވިއު ކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ދައުލަތަށް ދިމާވި ކޮންމެ ބޮޑު ކަމެއްގައި ދިވެހި ސިފައިން އަދާކޮށްފައިވާ މުހިންމު ދައުރަށް ސާބަސް ރައްދުކުރެއްވިއެވެ. އަދި ރާއްޖެ ދެކެމުންމިދާ ޑިމޮކްރެޓިކް ބަދަލުތައް ރާއްޖެއަށް ގެނައުމުގައި، ސިފައިން އަދާ ކުރެއްވި މުހިންމު ދައުރު އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޤައުމެއްގެ ޙަޔާތުގައި ސިފައިންގެ ދައުރުގެ މައްޗަށް ވާހަކަފުޅު ދައްކަވަމުން، “ޤައުމީ ދިފާޢާއި، ޤައުމީ ސަލާމަތާއި، މަޞްލަޙަތު ދަމަހައްޓައި، ނަގަހައްޓައި، ޤައުމު ހަމަ މަގަށް ފައްތައި، ހިމުން ކުރުމުގައި ދިވެހި ސިފައިން އަދާކުރި، އަދާކުރަމުންދާ އަދި އަދާކުރަންޖެހޭ ދައުރު ވަރަށް މުހިންމު” ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިމޭރުމުން ވާހަކަފުޅު ދައްކަވަމުން، ޤައުމީ މަޞްލަޙަތު ހުރިކަންކަމުގައި ސިޔާސީ ނުފޫޒާއި ވާދަވެރިކަމުން ދުރުހެލިވެ އެންމެން އެއްގޮތަކަށް ވިސްނައި، ވަކިފަރާތަކަށް ބެލުމެއްނެތި ޢަމަލު ކުރާނޭ ދައުލަތުގެ ބާރެއްގެ ގޮތުގައި ދުޅަހެޔޮ ޞިއްޙަތެއް ލިބިފައިވާ އަސްކަރިއްޔާއެއް އޮންނަނީ ”ކަމަކާނުލައެއް ނޫން” ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ސިފައިންގެ ޚިދުމަތް އިތުރަށް ފުރިހަމަކޮށް، ޒަމާނީ އަސްކަރިއްޔާއެއް ބިނާކުރުމުގެ ގޮތުން، މިހާރު ދިވެހި ސިފައިންވަނީ ލާމަރުކަޒުކުރެވި، ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް ބަހާލެވިފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ސިފައިންގެ ޚިދުމަތް ލާމަރުކަޒުކުރުމުގެ ގޮތުން ރާއްޖެ ހަތަރު ސަރަޙައްދަކަށް ބަހާލައި އެހަތަރު ސަރަޙައްދުގައި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް.)ގެ ކޮމާންޑްތައް މިހާރު ވަނީ ޤާއިމު ކުރައްވާފައެވެ.
މީގެއިތުރުން، ޚިދްމަތަށް ފުރިހަމަކަން ގެނައުމަށްޓަކައި ބޭނުންވާ ޢުމްރާނީ ތަރައްޤީއާއި، ވަސީލަތްތައް ހޯދުމާއި، މީހުން ބިނާކުރުމާއި، ތަމްރީނު ކުރުމުގެ މަސައްކަތްތައް އެމް.އެން.ޑީ.އެފް.ގެ ފަރާތުން ކުރައްވަމުން ގެންދަވާ ކަމަށާއި، ކުރިމަގަށް އަމާޒުކުރެވޭ ހިންގުމުގެ ނިޒާމުތައް ސިފައިންގެ ވެރިން ގެންދަވަނީ ތަޢާރުފު ކުރައްވަމުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
“އަޅުގަނޑަށް ފެންނަނީ ވަރަށް ހުނަރުވެރި ޤާބިލް އަސްކަރިއްޔާއެއް، އެކަށޭނަ ގޮތެއްގައި ރާއްޖެއަށް އުފަންވަމުން އަންނަ މަންޒަރު”، އެމަނިކުފާނު އިތުރަށް ވިދާޅުވިއެވެ.
ސިފައިންގެ އެންމެމަތީ ވެރިޔާގެ ފޯސް އަދި ފްލީޓް ރިވިއު އަކީ ދިވެހި އަސްކަރިއްޔާގެ ސަފުތަކުގެ ތަރުތީބުކަން ހުރިމިންވަރު ދެނެގަތުމަށާއި، އިންސާނީ ވަސީލަތްތައް ޤާއިމްވެފައިވާ މިންވަރާއި، މަސްއޫލިއްޔަތު އުފުލުމުގެ ގޮތުން ތައްޔާރުވެފައިވާ ގޮތާއި ލަޝްކަރުގެ ސަފުތަކުގެ ބަދަހިކަން ދެނެގަތުމުގެ ގޮތުން ބޭއްވުނު ރިވިއުއެކެވެ. މިއީ މިފަދަގޮތަކަށް އެމް.އެން.ޑީ.އެފް.ގެ ފޯސް އަދި ފްލީޓް ރިވިއުއެއް ބޭއްވުނު ފުރަތަމަ ފަހަރެވެ.
މި ރަސްމިއްޔާތުގައި އެމް.އެން.ޑީ.އެފް.ގެ މެރިންކޯއާއި ކޯސްޓްގާޑްގެ ސިފައިންނާއި އުޅަނދުފަހަރުތަކާއި ވަސީލަތްތައް ދައްކާލުން އޮތެވެ. އަދި އެމް.އެން.ޑީ.އެފް.ގެ ސްޕެޝަލް ފޯސަސްގެ ޙަރަކާތްތަކާއި އެއަރ ވިންގއާއިފަޔަރ އެންޑް ރެސްކިއު ސަރވިސްގެ އުޅަނދުތައް ދައްކާލުންވެސް އޮތެވެ. މީގެ އިތުރުން އެމް.އެން.ޑީ.އެފް.ގައި އަލަށް އުފެއްދެވި ސަރވިސް ކޯގެ ދިދަ، ރައީސުލްޖުމްހޫރިއްޔާ ސަރވިސް ކޯގެ ކޮމަޑާންޓާ ބްރިގޭޑިއަރ ޖެނެރަލްއަޙްމަދު ނިލާމާ ހަވާލުކޮށްދެއްވިއެވެ.